ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވި މާތް اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ނަޞްރުގެ އުފަލާއި ހިތްހަމަޖެހުމުގައި ތިއްބެވި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކޮށް، އެބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަމެވެ.

 

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެން ދިވެހިންނަށް ލިބުނު ނަޞްރަކީ، ވަރަށް މަތިވެރި ނަޞްރެކެވެ. އެދުވަހު އަޅުގަނޑުމެން ނުވެސް ދެނެތިއްބާ، ކުއްލިއަކަށް ސިފައިންގެ މައި މަރުކަޒަށް ބޭރުގެ ހަނގުރާމަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާ ދިފާޢުކޮށް، އެމަރުކަޒު ބާޣީންގެ އަތްދަށަށް ދިޔަނުދީ ހިފެހެއްޓުމުގެ ބާރާއި ހިތްވަރު އަދި ކުޅަދާނަކަން اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އިރާދަކުރެއްވިއެވެ. އާދެ، އެބިރުވެރި ނާމާންކަމުގެ ދުވަސް ނިމިގެން ދިޔައީ، ދިވެހިންނަށް ފަތަޙައާއި ނަޞްރު ލިބިގެންނެވެ.


ދިވެހި ތާރީޚުގައި ކަޅުއަކުރުން ފެވިފައިވާ، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަ ކަމާއި ވެރިންނަށް ކިޔަމަންތެރިވުމެވެ. އެ ޢުދުވާނީ ޙަމަލާ ހިނގިއިރު، ސިފައިންގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އެދުވަހު ދެއްކެވި ސާބިތުކަމެވެ. އެބޭފުޅުން އެދުވަހު ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިން ހަނދާންކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އެދުވަހު ޓެރަރިސްޓުން ދެމުންގެންދިޔަ ބަޑިޔާއި ބޮމުގެ ޙަމަލާތަކުން ސަލާމަތްވެ، މާތްﷲގެ ނަޞްރު އަޅުގަނޑުމެންނަށް ލިބުމަށް މަގު ފަހިވެގެން ދިޔައީ، މިފަދަ އެތައް ސަބަބަކާ ގުޅިގެންނެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާގެ ރޭވުމުގެ އަޑީގައި ތިބީ ދިވެހިޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެކެވެ. މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫނެވެ. އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުމެވެ. ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމާއި، ޤައުމުގެ ވެރިކަން ހޯދުމެވެ. އެހެންކަމާއެކު، މިއަދުވެސް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ޤައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެކެވެ.

 

1988 ނޮވެންބަރު 3 ގައި ހިނގައިދިޔަ ބިރުވެރި ނާމާން ކަންތައްތަކަކީ، ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. ދިވެހި ތާރީޚުން ފޮހެވިގެންދާނެ ކަމެއްވެސް ނޫނެވެ. އެކަމުގެ ހަނދާން އަޅުގަނޑުމެން އާކުރާއިރު ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، މިފަދަ ނުރައްކާތެރި ދުވަހެއް ދެން އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށެވެ. އެކަން ކުރެވޭނީ، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށްގެންނެވެ. އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެންނެވެ. ޤައުމު ދިފާޢުކުރުމުގެ ކަމަރު ބަނދެގެންނެވެ. ޤައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެންނެވެ.

 

މި ދިވެހި ޤައުމުގެ ލޮބުވެތި މުވާޠިނުންނަށް މިއަދު އަޅުގަނޑު ކުރާ އިލްތިމާސަކީ، ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދެއްވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމެވެ. ނޮވެންބަރު 3 ގެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެގެން، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވުމެވެ.

 

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ މިލޮބުވެތި ދިވެހި ޤައުމަށާއި ރައްޔިތުންނަށް، ނަޞްރާއި ނަޞީބު އަބަދުމެ މިންވަރު ކުރެއްވުމެވެ! ޞުލްޙަ މަސަލަސްކަމުގެ އުފާވެރި ދުވަސްތައް އަބަދުމެ ދެއްކެވުމެވެ! އާމީން.