ކުރީގެ ސަރުކާރުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ އިޤްތިޞާދީ ގޮތުން ހިންގި ބޮޑު ޖަރީމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން ދިވެހިންގެ ފަޚުރެއް ކަމަށް ދެކޭ އެއަރޕޯޓް ކުއްޔަށް ދީގެން އަހަރު ދުވަސްތެރޭގައި ލިބުނީ އެންމެ 16 މިލިއަން ރުފިޔާ ކަމަށާއި، އެއީ އެންމެ އާދައިގެ ވިޔަފާރިއަކުން ވެސް އަހަރު ދުވަސްތެރޭގައި ލިބޭނެ މިންވަރެއް ކަމުގައެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޖީއެމްއާރު ކުންފުނި އަތުން އެއަރޕޯޓު ހޯދައި، އެތަނުގެ ހިންގުމާއި އެމްއޭސީއެލް ހަވާލުވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނު ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި 16 މިލިޔަން ރުފިޔާއިން އެއް ބިލިޔަން ރުފިޔާއަށް، އެއަރޕޯޓުން އެމްއޭސީއެލްއަށް ލިބުނު ފައިދާ އިތުރު ކުރެވިފައިވާ އިރު، އެ އަދަދު ޑޮލަރުން ގެނައުމަށް ސަރުކާރުން އުއްމީދު ކުރައްވާކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ބޭއްވުނު މި ރަސްމިއްޔާތުގައި، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ 50 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައްޔާރު ކުރެވިފައިވާ ޙާއްޞަ ފޮތެއް ނެރެދެއްވާ، އެމްއޭސީއެލް އިންސްޓިޓިއުޓް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއޭސީއެލް ބޯޑުގެ ޗެއަރމަން، ސީއީއޯ އަދި އެމްޑީ ކަން ކުރައްވާފައިވާ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާ ވާހަކަފުޅު ދެއްކެވިމެވެ. އަދި އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ކޯޕަރޭޓް ޙަދިޔާއެއް ވެދުމަށް އެރުއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.