ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ދޭހަވާ ގޮތަށް ޚަބަރު ނުފެތުރުމަށް ރާއްޖޭގެ ހުރިހާ މީޑިޔާތަކުގެ ކިބައިން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން އެދިވަޑައިގެންފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އެފަދަ ގޮތަކަށް މަޢުލޫމާތު ފެތުރުމުގެ ސަބަބުން މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި، ވަރލްޑް ބޭންކުން ޝާއިޢު ކުރައްވާފައިވާ ރިޕޯޓެއްގައި، ދިވެހި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫޢުތަކަކީ ރާއްޖެއަށް ހުރި ނުރައްކަލެއް ކަމުގައި ވިދާޅުވެފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ޚަބަރު ފެތުރި ނަމަވެސް، އެފަދަ އެއްވެސް ވާހަކައެއް އެ ރިޕޯޓުގައި ނެތް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ވަރލްޑް ބޭންކްގެ ރިޕޯޓުގައި، ރާއްޖޭގައި ކުރާ ބިޔަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދަރަނި އިތުރުވާނޭ ކަމަށާއި މިދަރަންޏަކީ ދެމެހެއްޓެނެވިގޮތެއްގައި ދެއްކުމުގައި ރިސްކް އޮތްކަމެއްކަމުގައި ފާހަގަކުރައްވާފައިވާކަން ބަޔާންކުރެއްވިއެވެ. މިކަމާގުޅޭގޮތުން ޑޮކްޓަރ ޝައިނީ ވިދާޅުވީ ކޮންމެ ތަނެއްގައި ކުރާ ކޮންމެ އިންވެސްޓްމަންޓެއްގައިވެސް ރިސްކް ހުންނާނެކަމަށާއި ނަމަވެސް މި ސަރުކާރުން ކޮންމެ އިންވެސްޓްމަންޓެއް ކުރައްވަނީވެސް ހުރިހާ ގޮތަކަށް ބައްލަވައި، ރިސްކް އެންމެ ކުޑަވާނެ ގޮތަކަށް، އަދި އިންވެސްޓްމަންޓްގެ ފައިދާ އެންމެ ބޮޑަށް ކަށަވަރުވާނެ ގޮތްތަކަށް ބައްލަވާފައި ކަމުގއެވެ. އަދި ވާރލްޑް ބޭންކްގެ ރިޕޯރޓްގައިވެސް ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކައިރިމުސްތަގުބަލެއްގައި އެންމެ ހަލުވިކުރުވާނީ މިފަދަ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުންނާއި އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުން ކަމުގައިކަން ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގެ ކުރިއެރުމަށް ކުރާ މަސައްކަތްތައް، އިޤްތިޞާދީ ގޮތުން އެންމެ ފައިދާވާނެ ގޮތެއްގެ މަތިން ޒިންމާދާރުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި އޮންނަ ކައުންސިލެއް ކަމުގައި މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދާ ހުރިހާ ބޮޑެތި މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދަނީ އެ ކައުންސިލުގެ ބެއްލެވުމުގެ ދަށުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފެސިޓަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެމަތި ދެ ގައުމުގެ ތެރެއިން އެއްޤައުމުކަމުގައި ވާރލްޑް ބޭންކްގެ ރިޕޯރޓްގައި ބަޔާންކޮށްފައިވާ ބަޔާންކުރުން އެއީ މައްސަލައެއް ނޫންކަމަށާއި، ރާއްޖެފަދަ ހުރިޔާއެއްޗެއް އިމްޕޯރޓްކުރާ އަދި އުފެއްދުންތެރިކަން ކުޑަ ޤައުމެއްގައި އެކަން އެގޮތަށް އޮތުމަކީ އެހާބޮޑު މައްސަލައެއް ނޫންކަމަށެވެ. އެހެން އެ ވިދާޅުވަނީ، ދިވެހިރާއްޖޭގެ ކެޕިޓަލް އެކައުންޓުން އެ ޚަރަދުތައް ފޫބެއްދޭތީ ކަމަށާއި، ވަކިން ޚާއްސްކޮށް ރާއްޖެއަށް ބޭރުން އެތެރެވޭ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް) ތަކުން އެކަން ފޫބެއްދޭތީ ކަމަށެވެ. އަދި ދެކުނުއޭޝިއާގެ ޤައުމުތަކުގެ ތެރެއިން ނިސްބަތުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އެންމެ ބޮޑީ ރާއްޖޭގައި ކަމަށާއި، މިކަންވެސް ވާރލްޑް ބޭންކްގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާ އިރު، ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ގެއްލުން ލިބިދާނޭ ގޮތަކަށް ނޫސްވެރިން ރިޕޯރޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ނޫސްވެރިން ދެންނެވި ސުވާލުތަކަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ މެންބަރުން ޖަވާބު ދެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިތުރުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޟުހޫރާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޟަމީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިކޮނޮމިކް ރިލޭޝަންސް މުޙަންމަދު ލުވެއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.