ރައްޔިތުން ހަވާލު ކޮށްފަ އޮތް ޒިންމާ އަދާ ކުރުމުގެ ފުރުޞަތު ސަރުކާރަށް ދޭންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލުކޮށް ނިންމުން ފާހަގަކުރުމުގެ ގޮތުން ހައްދުންމަތި ފޮނަދޫގައި މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަނެ މިފަދަ މަސައްކަތް ކުރަން ފުރުޞަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ގާދޫ ރައްޔިތުންނަކީ ފޮނަދޫގެ ރައްޔިތުންކަމަށް ބަލައިގަތުމުން ފޮނަދޫގެ ރައްޔިތުންނަށް މަރްޙަބާ ދަންނަވާ، ފޮނަދޫއަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ރަށެއްކަން ފާހަގަކުރައްވާ ފޮނަދޫއަށް އެ ޞަރަޙައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބަދަލުވެވޭނެ ފުރުޞަތު އޮތްކަމަށް ވިދާޅުވެފައެވެ. އަދި، މި ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން، ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލުކޮށް ނިމުމުގެ ސަބަބުން ފޮނަދޫގަ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކާ އަދި މިނޫންވެސް އިތުރު ތަރައްޤީގެ މަޝްރޫޢުތައް ފެށިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، މި ސަރުކާރުގެ ފަރާތުން ކުރާ މަސައްކަތްތަކަކީ ރަނގަޅަށް ކުރާ ކަންކަންކަމުގައި ރައްޔިތުން ޤަބޫލުކުރާނަމަ މި ކަންކަން އިޚުލާސްތެރިކަމާއެކު ބަލައިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާލެއަކީ ހުރިހާ ދިވެހިންގެ ތަނެއް ކަމަށާ ޢާބާދީގެ ނިސްބަތުން ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރޮކޮށްދިނުމަށް ހަމަޖެހިފައިވާ ހުޅުމާލެއާ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންގެންދާ މާލެއާ ދެމެދު ބްރިޖު އެޅިގެން ދިއުމުން ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުފަތުރު ކުރަންޖެހިފައިވާ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އަދި ދިވެހިރާއްޖެއަށް އާމްދަނީ ލިބޭ މައިގަނޑު ވަޞީލަތަކީ ފަތުރުވެރިކަން ކަމަށް ފާހަގަކުރައްވަމުން، ޤައުމު ތަރައްޤީވާނީ ފަތުރުވެރިކަން ތަރައްޤީ ކުރެވިގެން ކަމަށާ ފަތުރުވެރިކަން ތަރައްޤީވާނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރު ކުރެވިގެން ކަމަށާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނީ ފަތުރުވެރިންނަށް ރަނގަޅު ޚިދުމަތްދެވޭނެ ފެންވަރަށް ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްޤީ ކޮށް ޓާމިނަލްގެ ޖާގަ ތަނަވަސް ކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްޤީކޮށް ނިމުމުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެ، ރާއްޖޭގެ ކޮންމެ ބޮލަކަށް ޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 12،000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރާއި، ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.