އަދުގެ ސަރުކާރުން އުފަލެއް ކަމުގައި ދެކެނީ، ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދަތިވެފައިވާ ބައެއް ކަހަލަ ބޮޑެތި ކަންތައްތައް، ހައްލުކޮށްދެވޭތޯ މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ގަމުގައި ޤާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާޙް ކުރެއްވުމުގެ ގޮތުން މިއަދު ހަވީރު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަރަށް އަވަސް މުސްތަޤްބަލެއްގައި، ގަމުގެ ފެނުގެ ނިޒާމް ހަމަޖެހިގެންދާނެކަމުގައާއި، އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ނިމިގެންދާއިރު، ފަންސާސް ރަށުގައި ފެނާއި ނަރުދަމާގެ ފަސޭހަކަން ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ދައުލަތުގެ ބަޖެޓް ދަރަނިވާ ގޮތަށް ނަންގަވާފައިވާ ބޮޑެތި ލޯނުތަކުގެ ފައިސާ ހޭދަ ކޮށްފައިވާ ގޮތާއި މެދު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު މިކަމާ ސުވާލު އުފެއްދެވީ ކުރީގެ ސަރުކާރުން މިފަދަ ލޯނުތަށް ނަންގަވައިގެން ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތަކުގެ ނަތީޖާ ފެންނަން ނެތުމުގެ ސަބަބުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ވާދަކުރާ ވާދަކުރުމާއި، ސިޔާސީގޮތުން ކަންކަމުގައި ޚިޔާލުތަފާތުވުމަކުން އެއްވެސް ކަމެއް ޙައްލުވެގެން ނުދާކަމަށާއި، މިފަދަ އެއްވެސް ކަމަކުން ޤައުމަށް އެއްވެސް ފައިދާއެއް ނުކުރާކަމަށެވެ. އަދި، އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ޤައުމަށް ހެޔޮއެދޭ ކަމަށްވަންޏާ، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުވާ ފަދަ ވާހަކަ ނުދެއްކެވުމަށް ވެސް ގޮވާލެއްވިއެވެ. ސަބަބަކީ މިފަދަ ކަންކަމުން ރާއްޖޭގެ ތަރައްޤީއަށް ބޭރުގެ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ކުޑަވެގެންދާތީ ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޔޫސުފް ޢަބްދުލްޢަފޫރާއި، ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން މަރީން ޝޫހް ވާހަކަފުޅު ދެއްކެވިމެވެ. އަދި ގަމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އެރުއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޔޫސުފް ޢަބްދުލްޢަފޫރާއި، ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން މަރީން ޝޫހް ބައިވެރިވެވަޑައިގެންނެވިއެވެ.