ކޮންމެ ފިކުރެއްގައި ތިއްބެވި ނަމަވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅޭފަދަ ކަންކަން ނުކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ހައްދުންމަތީ މާވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގެ ކުރިން، ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާވަށުގައި ބިނާކުރި "މަސްޖިދު ބިލާލް" މިސްކިތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އުންމީދަކީ، ދިވެހި ދައުލަތަކީ އަބަދު ސަލާންޖެހުމުގައި މަގުމަތީގައި ތިބޭ ބަޔަކަށްނުވެ، ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަދައިން، ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި ދިވެހިރާއްޖޭގެ ނަންގަނެވުމުން، ކަރާމާތާއި ޝަރަފް ލިބިފައި އޮތް ދައުލަތެއް ކަމުގައި ބޭރުގެ އެހެން ދައުލަތްތަކުން ގަބޫލުކުރުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމާ ބެހުމުގެ ޙައްޤެއް، އެހެން އެއްވެސް ދައުލަތަކަށް ނޯންނާނެކަން ތަކުރާރު ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މާވަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އަދި، މިކަންކަން ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ވަރަށް މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ޒުވާނުންގެ ކުރިމަގަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ޒުވާނުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.