2020 ވަނަ އަހަރު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2020 ދުބާއީ" ގައި ރާއްޖެއިން ބައިވެރިވުމުގެ ދައުވަތު، ޔޫ.އޭ.އީ ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، އަދި ދުބާއީގެ އަމީރު ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ފަރާތްޕުޅުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ. މި ދައުވަތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ހިސް ހައިނެސް ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް-ނަޙްޔާން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ. އަދި، މި ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ހިންގަވާ މުހިންމު ބައެއް މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މިގޮތުން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފެއްދުމުގެ ޚާއްޞަ މަޝްރޫޢާ ބެހޭގޮތުން ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު އަލްފާޟިލާ ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.