ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް، މިސް އެނެޓް ޑިކްސަން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ވަރލްޑް ބޭންކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ކުރިއަށް އޮތް ތަނުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާއާ، ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ކުނި މެނޭޖުކުރުމަށްޓަކައި އިންސިނަރޭޓަރ ސިސްޓަމް ބެހެއްޓުމާ މަސްވެރިކަމުގެ ދާއިރާއިން ވަރލްޑް ބޭންކުގެ އެހީގަ ހިންގަން ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް އެމަނިކުފާނު ގެންނަން ބޭނުންފުޅުވާ ބަދަލުތައް ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓާ ޙިއްޞާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް ޢަބްދުﷲ ޖިހާދުއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.