ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް ދިނުން ސަރުކާރުގެ ކަމާބެހޭ ބައެއް މުއައްސަސާތަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަދު ނިންމަވައިފި‏އެވެ. މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މަޝްވާރާކުރެއްވުމަށްފަހުގައެވެ.

މިއަދުގެ މަޝްވަރާތަކުގައި، ނިންމެވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ އިސްލާހުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ބަދަލުކުރެއްވުމަށާއި، ގަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ބަދަލުކުރެއްވުމަށެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ހޭގް އެޕޮސްޓައިލް ކޮންވެންޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރެވި، މިއަދުގެ ކެބިނެޓުން މި ކޮންވެންޝަނުގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ނިންމަވާފައެވެ. މި ކޮންވެންޝަނަކީ، ބައިވެރިވާ މެންބަރު ޤައުމެއްގެ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާތަކުން ދޫކުރާ ރަސްމީ ލިޔުންތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި، އެ ލިޔުމެއް ދޫކުރި ޤައުމަކުން ކަނޑައަޅާފައިވާ އެ ޤައުމެއްގެ ކޮމްޕީޓަންޓް އޮތޯރިޓީ ނުވަތަ، ކޮމްޕީޓަންޓް އޮތޯރިޓީތަކުން އެ ލިޔުމެއް ދޫކުރި މުއައްސަސާއާއި، އެ ލިޔުމެއްގައިވާ ސޮޔާއި ތައްގަނޑަކީ، އެ ލިޔުމެއް ދޫކުރި ޤައުމުގެ ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކުރި ލިޔުމެއްކަން ކަށަވަރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މެންބަރުން އެއްބަސްވެ ސޮއިކޮށްފައިވާ ކޮންވެންޝަނެކެވެ.