މި ސަރުކާރުގެ ވިސްނުން ހުރީ ޤައުމު އާރާސްތު ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށްޓަކައި މިއަދު މެންދުރުފަހު، އެ ރަށު ސްކޫލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ކުރެވޭ ހުރިހާ މަސައްކަތްތަކަކީ ހިތްހަމަޖެހުމާއި އަމާންކަމާއެކު ކޮންމެ ދިވެހި ރައްޔިތަކުވެސް ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ފަދައިން އެމީހަކު ބޭނުންވާ ތަނެއްގައި އުޅެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިދިކޮޅުޕާޓީގައި ތިއްބަވައިގެން ވިއަސް އަދި ވެރިކަމަށް ވަޑައިގެން ވިއަސް މުޅި ރާއްޖެ ޓެރަރައިޒްކޮށް ރާއްޖޭގެ އަމާންކަން ނަގާލުމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ޕާޓީއަކުން ވެރިކަންކުރި ނަމަވެސް ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި މަސައްކަތްކުރައްވަން ވާނޭ ކަމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަދުނާމުވާ ފަދަ ގޮތްގޮތަށް ދައްކަވާ ވާހަކަތަށް ހެއްކާއި ދަލީލާއެކު ދެއްކެވުމަށް ވެސް އެފަރާތްތަކަށް ގޮވާލެއްވިއެވެ. އަދި ސިޔާސީ ޕާޓީތަކުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމެއް އޮތްކަމުގައި ވާނަމަ ކަނޑައެޅިފައިވާ މަރުހަލާތަކުގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށް ވުމާއިއެކު ސަރުކާރުން ކުރައްވަވާ ކަންތައްތަކުގެ ޚަބަރު ރައްޔިތުންނާ ހިސާބަށް އިންސާފްވެރިކޮށް، ހަޤީޤަތާއި އެއްގޮތަށް، ޒިންމާދާރުކަންމަތީ ގެނެސްދެއްވުމަށް ތަކުރާރުކޮށް ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޢާމިރު ވާހަކަފުޅު ދެއްކެވިމެވެ. އަދި މާއެނބޫދޫ ރައްޔިތުންގެ ފަރާތުން އެ ރަށު ކައުންސިލްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޑީއޭ ގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ސިޔާމް މުޙައްމަދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުއްﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޢާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.