ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގެން ޖެހޭނެ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ވީ އެންމެ އަވަހަށް ކޮށްދިނުމަށެވެ. މިގޮތުން، އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ގެދޮރުވެރިކަން ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޒުވާނުންނަކީ ޤައުމުގެ އުންމީދު ކަމަށާ ޒުވާނުންނަށް ބޭނުންވާ ގެދޮރުވެރިކަން އަތް ފޯރާ ވަރުގެ އަގެއްގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް މި ސަރުކާރުން މުހިންމު ކަމެއް ދެއްވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، މީދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެން ދިއުމުން ރަށުގެ ބިން ވަނީ ތިންގުނަ އަށް ބޮޑު ކުރެވިފައެވެ. މީދޫގެ ބިމަށް ލިބިގެން މި ދިޔަ ތަނަވަސް ކަމުގެ ސަބަބުން މީދޫގެ ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑާއި، ބަށި ކޯޓާ ކުޅިވަރު ކުޅޭނެ މަރުކަޒު ފަދަ ތަންތަން ބިނާ ކުރަން މަގުފަހި ވެގެން ދިޔަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މީދޫ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާ ނިޒާމުގެ ދަތިކަމަށްވެސް ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކަންތައްތައް ކުރައްވަނީ ވިސްނައިގެން ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާއެއް ކުރާނެ ފަދަ ގޮތަކަށެވެ. އަދި، އިންސާނަކަށް ވީތީވެ، ދިވެއްސަކަށް ވީތީވެ ލިބެންޖެހޭ ޙައްޤުތަކެއް ހުރި އިރު، އަދި ވަކިވަކި ފަރުދުންނަށް ލިބޭ ޤާނޫނީ ޙައްޤުތަކެއްވެސް ހުރުމާއެކު، މިހުރިހާ ކަމަކަށް ބަލައިގެން ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ޑިމޮކްރަސީ ނިޒާމު ޤަބޫލު ކޮށްގެން ކަމަށާ އަދި ކުރީގައި ވެރިކަންކުރި އިދިކޮޅު ފަރާތުންވެސް ވެރިކަން ކޮށްފައިވަނީ ހަމަ މި ނިޒާމު ޤަބޫލުކޮށްގެން ކަމަށް ފާހަގަކުރައްވަމުން، ޑިމޮކްރަސީއަކީ އުޞޫލުތަކާ ޤާނޫނުތަށް ތަންފީޒު ކުރުމަށް އޮންނަ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑެތި ކުށްތައް ކުރާމީހުން އެ ކުށްތަކާ ދުރުހެލި ކުރަން ޖެހޭ ކަމަށާ، މިގޮތުން، އެ ފަދަ މީހުން ކުށްތަކާ ދުރުހެލި ކުރެވޭނީ އެކަންކަމަށް ޙައްޤު އަދަބު ދެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މީދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއްވަނީ ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ މީދޫގެ ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ސިޔާމް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޢާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.