ނޫސްވެރިކަން ކުރުމުގައި، ނޫސްވެރިކަމުގެ ތަރަހައިގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މީދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޒަޢާމަތުގައި އެމަނިކުފާނާއި، ސަރުކާރާއި، ދައުލަތުގެ މުއައްސަސާއަކުން ކުރާ މަސައްކަތަށް ރައްދުކޮށް ކޮންމެ ވާހަކައެއް ލިޔުނު ނަމަވެސް އެއީ މައްސަލައެއްނޫން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ޒިންމާދާރުކަމެއް ނެތި މީހުންގެ އަބުރު ކަތިލުމުގެ މަސައްކަތަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރަކީ ނޫސްވެރިންނާއެކީ އޮތް ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި، ދިވެހި ސަރުކާރުގެ ކަންކަމާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ރަނގަޅުކުރުމަށްޓަކައި، ނޫސްވެރިން އެކަންކަން އާންމުންގެ ސަމާލުކަމަށް ގެންނަންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫސްވެރިކަމުގެ މިނިވަންކަމަކީ އޭގައި ވަށާފާރެއް ލެވިފައިވާ ކަމެއްކަން ނޫސްވެރިން ހަނދާން ބަހައްޓަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނީ ޒިންމާދާރު ކަމާއެކީ ނޫސްވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ އެއްވެސް ޙައްޤަކަށް ދިވެހި ސަރުކާރުން އެއްވެސް އުނިކަމެއް ނުގެންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ދިވެހިރާއްޖޭގެ ހިޔާވަހިކަމުގެ ދަށުގައި ތިބޭނަމަ ހަމަހަމަ ޙައްޤުތަކެއް ލިބެން ޖެހޭނެކަން އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ. އެހެންކަމުން، ނޫސްވެރިން ނޫސްވެރިކަން ކުރަންވާނީ އެހެން މީހުންނަށް އިޙްތިރާމު ކުރުމާ އެކީ، އެހެން މީހުންގެ ޙައްޤުތަކަށާއި، ކަރާމާތަށްވެސް ބަލައިގެން، އެހެން މީހުންނަށް ގެއްލުން ނުވާނެ ގޮތުގެ މަތިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.