ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދުނިޔޭގައި ފުރަތަމަ ފަހަރަށް އެރުވޭ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑު ލިބިވަޑައިގެންފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ޑޭލް ވިއު އިންސްޓިޓިއުޓްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް މިއަދު ލިބިވަޑައިގެންނެވި އެވޯޑަށް އިންޑިޔާ ސަރުކާރަށާ ޑޭލް ވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ތަފާތު ކަންކަމުގައި އިންޑިޔާގެ ފަރާތުން ރާއްޖެއަށާ ދިވެހިންނަށް ވެދެއްވާ އެހީއަށް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، އިންޑިޔާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ރަޙުމަތްތެރިޔާ ކަމަށާ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ މުހިންމު ވަޢުދުތަކަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އިސްކަމެއް ދެއްވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށާ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންނަށް ދިމާފެވައިވާ ދަތިތައް ޙައްލުކޮށްދިނުމާ ކުރީގެ ސަރުކާރުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ ހުރަސްތައް ގިރާކޮށް ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބަޔާންކުރައްވަމުން، މާލެއާ ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފެށިފައިވާކަން ހާމަކުރެއްވިއެވެ. އަދި، މި ބްރިޖުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލޭ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް ވަޒަންވެރިކުރުވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ރަށެއްގައި ބިނާކުރެވިގެންދާ އެންމެ ދިގު މަގު ބިނާ ކުރުމާއި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ. އަދި، އޭޝިއާ ސަރަޙައްދަށް ދިމާވި ސުނާމީ ކާރިޘާގައި ބޯހިޔާވަހިކަން ގެއްލިގެންދިޔަ ހުރިހާ ރައްޔިތުންނަށް މިހާރުވަނީ މި ޒަޢާމަތުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެ ކާރިޘާގައި ގެއްލުން ލިބުނު ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފުރަތަމަ ޤައުމަކީ ރާއްޖެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.