ރާއްޖެއަށް 10 އަހަރުގެ ތަރައްޤީގެ ފުރުޞަތު ގެއްލިގެން ދިޔަކަމާއި މެދު ރައްޔިތުން ވިސްނާވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި މިއަދު ހެނދުނު ބަނދަރު ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏ މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވަދޫގައި އައިސް ޕްލާންޓެއް ހުޅުއްވާދެއްވާ، އެރަށުގައި އަލަށް ޢިމާރާތްކުރެވޭ މިސްކިތުގެ ބިންގާ އެޅުއްވިތަން ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް މައުމޫންގެ ޒަޢާމަތުގައި އެންމެފަހު ފަސް އަހަރު ނިމިގެން ދިޔައީ، ތަރައްޤީގެ ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް ހުރަސްއެޅިގެން ގެއްލިގެންދިޔަ ފަސް އަހަރުގެ ގޮތުގައިކަމަށާއި، މިކަމުގެ ސަބަބުން ޢުމްރާނީ ތަރައްޤީ، އަތޮޅު ތެރެއިން ވެސް ފޮހެވިގެންދިޔަކަމަށާއި، މިއީ ފުރްޞަތުގެ ގޮތުން ގެއްލިގެންދިޔަ ވަރުގަދަ ފުރްޞަތެއްކަމުގައެވެ. އަދި އޭގެ ފަހުން މި ޤައުމުގައި ކަޑައްތުކުރަމުން ދިޔައީ ހަލަބޮލިވެގެންދިޔަ ދުވަސްތަކެއްކަމަށާއި، މިކަންކަމުގެ ތެރޭގައި ތަރައްޤީގެ އިތުރު ފަސްއަހަރު ނަގާލެވިފާވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫއަކީ އެކަހެރިކޮށް އޮތް ރަށެއް ނޫންކަން ދެއްވަދޫގެ ރައްޔިތުންނަށް މިއަދު އިޙްސާސް ކުރެއްވޭނެކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަށް އޮތް ދީނީ އަދި ދުނިޔަވީ ވާޖިބަކީ ނިޢުމަތްތަކަށް ޝުކުރުކުރުންކަމަށާއި، ނިޢުމަތްތަކަށް ޝުކުރު ކުރުމަކީ، ކަންކަން ހެޔޮގޮތުގައި ބަލައިގަތުމާއިއެކު ރަށްރަށަށް ބޭނުންވާ ތަރައްޤީ، ނޫނީ ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަމަށް ހުރަސްނާޅައި، އެކަންކަން ކޮށްދެވޭނެ ބަޔަކަށް މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުގެ ކުރިމަތީގައި މާލޭ މީހުންނާ މާލޭ ނޫން މީހުންގެ މެދުގައި އެއްވެސް ފަރަޤެއް ނުކުރާކަމަށާއި، ސަރުކާރުގެ ކުރިމަތީގައި އަޅުގަނޑުމެން އެންމެނަކީވެސް ދިވެހިންކަމާއި، އެއް ނަސްލެއް، އަދި އެއް ދީނަކަށް އަޅުކަންކުރާ ބައެއްކަމުގައި ދެކިލައްވާކަމަށް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ޖަމީލް އުޘްމާނާއި، ދެއްވަދޫ ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ދީދީ ވާހަކަފުޅު ދެއްކެވިމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ޖަމީލް އުޘްމާނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނިހާން ޙުސައިންމަނިކާއި، އެމް.ޓީ.ސީ.ސީ އަދި މިފްކޯގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.