ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށް ބުނެވޭއިރު، ދައުލަތުގެ ކޮންމެ ބާރަކީވެސް ޒިންމާތަކެއް އުފުލަންޖެހޭ ބައެއްކަން ހަނދާން ބަހައްޓަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ގެމަނަފުއްޓަށް ވަޑައިގެން، އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލިބިފައިވާ ބާރެއްގެ ބޭނުން ޞައްޙަގޮތުގައި ކުރެވޭނީ އެއާއެކު ހަވާލުވާ ޒިންމާތައްވެސް އުފުލައިގެން ކަމަށާއި، ކޮންމެ ބާރެއްވެސް ލިބެނީ ވަކި ޙުދޫދެއްގެ ތެރެއިން ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޢަދުލު އިންޞާފުގެ ދާއިރާއަށް ލިބިދީފައިވާ ބާރުތަކާއެކު، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ އޮންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒިންމާދާރު ނޫސްވެރިކަމަކީ ލިޔުމެއް ޝާއިޢުކުރުމުގެ ކުރިން އޭގެ ދެކޮޅު ބެލުމަށްފަހު، ޙަޤީޤަތާ އެއްގޮތަށް އެލިޔުމެއް ޝާއިޢުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ލިޔުމެއް ޝާއިޢުކުރާއިރު އެހެން ފަރުދުންގެ އަބުރަށް އަރައިގަނެވޭނަމަ އެފަރާތެއް އެކަމަށް ޒިންމާދާރުކުރެވި، އެކަމަށް އަދަބު ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ރާއްޖެއާމެދު ގެންގުޅޭ ނުރަނގަޅު ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދިވެހިންގެ ބަޔަކު ތިބެގެން، ނުފޫޒުގަދަ ޤައުމުތަކެއްގެ ސަރުކާރުތައް މެދުވެރިވެގެން ދިވެހިރާއްޖެއާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ. އަދި، ދިވެހި ރައްޔިތުންގެ ޙައްޤުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި، މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރިނަމަވެސް، މުޅި ރަށުގެ ރައްޔިތުންގެ ފައިދާއަށް ކުރާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.