ރާއްޖޭގައި ހުޅުވިގެންދާ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިއްޕެވުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސް ކުރެއްވީ ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ކަނޑުހުޅުދޫގައި އަލަށް ޢިމާރާތްކުރެވުނު "މަސްޖިދް ޢަބީބަކްރް" މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ވީ އެންމެ އަވަހަށް ކޮށްދިނުމަށެވެ. މިގޮތުން، ރަށްރަށުގެއާ މާލޭގެ ކަރަންޓު ބިލުތަކަށް އައި ބަދަލާ ގުޅިގެން އެ އަގުތައް މުޠާލިޢާ ކުރެއްވުމަށްފަހު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ޒުވާނުންގެ ހަމަޖެހުމަކީ މި ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދިނުމާ ގެދޮރުވެރިކަން ތަނަވަސް ކޮށްދިނުމަކީ މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ހިންގޭ އިޤްތިޞާދީ މަޝްރޫޢު ތަކުގެ ބޭނުމަކީ ރާއްޖެ ކުރިއެރުވުންކަމަށާ މިފަދަ މަޝްރޫޢުތަކުގަ ޒުވާނުންގެ ހިއްސާ އިތުރުކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކަނޑުހުޅުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއްވަނީ ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ ކަނޑުހުޅުދޫގެ ކައުންސިލުގެ ރައީސް އަލްފާޟިލް އަޙުމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްފާޟިލް ޢަލީ ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ޖަމީލް އުޘްމާނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނިހާން ޙުސައިންމަނިކާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.