ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޔެސް ޓީވީ" އިފްތިތާޙު ކޮށްދެއްވައިފިއެވެ. ޒުވާނުންނަށާއި، ކުޅިވަރަށާއި މުނިފޫހިފިލުވުމަށް އަމާޒުކޮށްގެން ފެށުނު "ޔެސް ޓީވީ" ޗެނަލަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއާ ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން އިފްތިތާޙުކުރެވުނު ޗެނަލެކެވެ. މި ޓީވީ ޗެނަލް އިފްތިތާޙު ކުރުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ބޭއްވުނީ މިރޭ އޮލިމްޕަހުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އޮނަރަބަލް އަޙްމަދު ޡުހޫރު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި "ޔެސް ޓީވީ" ގެ ދަށުން، ކުޅިވަރަށް ޚާއްޞަ ޗެނަލެއް އިފްތިތާޙުކުރެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އޮނަރަބަލް އަޙްމަދު ޡުހޫރުއާއި، ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކުއާއި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލްއާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.