މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕްރީލް 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެ ދުވަހުގެ މުއްދަތަކަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބެހޭ ގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވައިފިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވާހަކަފުޅުދެއްކެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފެވެ.

މިދަތުރުފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މި ކުރެއްވި ރަސްމީ ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަމަށާއި، އެމަނިކުފާނު މިދަތުރުފުޅު ކުރެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ރައީސްއާއި އަދި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ދުންޔާ ވިދާޅުވިގޮތުގައި އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ވިޔަފާރިއާއި ޢިޤްތިޞާދީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި، ޞަރަޙައްދީ ރައްކާތެރިކަން އިތުރުކުރުމާއި، ސިއްޙީ ކަންކަން ކުރިއެރުވުމުގައި އެއްބާރުލުންދިނުމާއި، އިންސާނީ ވަޞީލަތްތަށް ތަރައްޤީ ކުރުމާއި، ޢިޖްތިމާއީ މައްސަލަތަކާއި ބެހޭގޮތުންނާއި އަދި ފަތުރުވެރިކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ދުންޔާ ވިދާޅުވިގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުން މިދަތުރުފުޅުގެ ސަބަބުން އިތުރު ހަރުފަތަކަށް ކުރިޔަށް ދިޔައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރުގެ ބައްދަލުވުން ކުރިއަށްދިޔައީ ވަރަށް އެކުވެރި މާޙައުލެއްގައިކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރަށް ދަޢުވަތު އެރުއްވި ކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަންތައްތަކެއް ފުރިހަމަވެގެން، ޙާޞިލުވެގެންދިޔަ ދަތުރުފުޅެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝައިނީ ދެއްކެވި ވާހަކަފުޅުގައި، ދެ ސަރުކާރުގެ މެދުގައި ސޮއިކުރެވިފައިވާ 6 އެއްބަސްވުމެއް މިދަތުރުފުޅުގައި ބަދަލުކުރެވުނެވެ. މިގޮތުން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަމުގައި މިނިސްޓަރ ވިދާޅިވިއެވެ. މީގެ އިތުރުން ޑރ. ޝައިނީ ފާހަގަކުރެއްވި ގޮތުގައި އިންޑިޔާގެ ވިސްނުން ހުރީ ވަރަށް ބޮޑަށް ރާއްޖޭގެ ވިސްނުމާ އެއްގޮތަށްކަން މިދަތުރުފުޅުން އެނގިލައްވައިފިކަމުގައާއި، އިންޑިޔާ ސަރުކާރުން ދެކޭގޮތުގައި ޑިމޮކްރަސީއެއްގައި އޮންނަ މުޢައްސަސާތަކަކީ ވަކިވަކި ފަރުދުންގެ މަސްލަޙަތަށްވުރެ ވަރުގަދަވާނެ ތަންތަންކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ޤައުމެއްގައި ޙާއްޞަކޮށް ޑިމޮކްރެޓިކް މުޢައްސަސާތަކެއް ޤާއިމްކޮށްފައިވާ ޤައުމެއްގައި ވަކި މީހަކަށް ނިސްބަތްކޮށް ޙައްލު ހޯދުމަކީ ކުރެވިގެންވާނެކަމެއް ނޫންކަމުގައާއި ޤައުމުގައި މިއަދު މިތިބި ބަޔަކީ މާދަމާ ތިބޭނެ ބައެއް ނޫންކަމުގައި ވާތީ މުޢައްސަސާތަށް ވަރުގަދަކުރަން މަސައްކަތްތަކެއްކުރަންޖެހޭނެކަމަށާއި މިކަމުގައި އިންޑިޔާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމުގައި ޑރ. ޝައިނީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފް ވިދާޅުވިގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ދަތުރުކޮށްފިކަމަށާއި، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކުރަން މަސައްކަތްކުރައްވާ ބޭފުޅުންގެ މަސައްކަތްތައް މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ގުޅޭގޮތުން ޚަބަރުފަތުރާ ވަސީލަތްތަކުން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ޖަވާބު ދެއްވައި، ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންކަމުގެ ތަފްޞީލު، ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.