އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ޑޭވިޑް ހަޗަސަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، އޮސްޓްރޭލިއާގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، އޮސްޓްރޭލިއާގެ އާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާނެ ކަމެއް ‏‏ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުކުރެއްވުމުގައި، ‏ދިވެހިރާއްޖެއާއި، އޮސްޓްރޭލިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހި ކުރެއްވުމާ‏‎ ‎‏ބެހޭގޮތުން އޮސްޓްރޭލިއާ ސަފީރާއި އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފަހިކޮށްދެއްވަމުން ގެންދަވާ ފުރުޞަތުތަކައްޓަކައި އެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މީގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިލައްވާކަމުގައިވެސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ވެދެއްވަމުން ދެންގަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، އޮސްޓްރޭލިއާގެ އާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހުރިހާ ޤައުމަކުންވެސް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.