• އިންޑިޔާ-ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ ރައްކާތެރިކަމުގެ މައްޗަށް.
• ދިވެހިރާއްޖެއިން އިންޑިޔާއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިންޑިއަން އޯޝަންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި.
• ތިރުވަނަންތަޕުރަމްގައި އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރެއްވުމުގެ ޝައުޤުވެރިކަން ދިވެހިރާއްޖެއިން ވަނީ ފާޅުކޮށްފައި.

'މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް' އިންޑިޔާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އިންޑިޔާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖެއިން އަބަދުވެސް މަރުޙަބާ ދަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުޝްމާ ސްވަރާޖް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ނިއުދިއްލީގެ ލީލާ ޕެލަސްގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ފަރާތުން އިންޑިޔާއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި އިންޑިއަން އޯޝަންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށް އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، އިންޑިޔާއާ ގުޅިގެން ދިވެހިރާއްޖޭގެ ރައްކާތެރިކަމަށްޓަކައި މިހާރު ކުރިއަށް ގެންދެވޭ ކަންތައްތަކަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވެފައިވާ މައިގަނޑު އަސާސްކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ތިރުވަނަންތަޕުރަމްގައި މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.