ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ނިއުދިއްލީއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސްއާއި އަދި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފާއި، ހޮޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙައްމަދާއި، ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރިޟާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ހަރަކާތްތައް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ޙިއްޞާކުރުމަށްޓަކައި 8 ނޫސްވެރިން ވަނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.