އަޅުގަނޑުމެންގެ އެއަރޕޯޓު ބޭނުން މިންވަރަކަށް ތަރައްޤީކޮށްގެން ހުޅުވުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އެއަރޕޯޓެއްގެ ގޮތުގައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އަދި އޭޕްރަން، ފިއުލް ފާމާއި ކާގޯ ޓާރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީގެ ކުރީގައި އޮތްގޮތައް، ޙާލަތު ބަދަލު ނުކޮށް އޮތް ނަމަ މި ތަރައްޤީ ގެނައުމުގެ ފުރުޞަތު ލިބިގެން ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ ބެކްބޯނަށް އެއަރޕޯޓު ހަދަން ފުރުޞަތު ލިބިގެން ދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަރޕޯޓު މިހުޅުވައިދެނީ މިޒަމާނުގެ ތަރައްޤީގެ މައި ދޮރާށި ކަމުގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެއަރޕޯޓު ތަރައްޤީ ކޮށް ނިމުމުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ފޯރޮ ކޮށްދެވޭނެއެވެ. އަދި މި އެއަރޕޯތުގެ ސަބަބުންނާއި އިތުރަށް ހެދިގެންދާ ރިޒޯޓު ތަކުގެ ސަބަބުން ޒުވާނުންނަށް އެތައްހާސް ވަޒީފާގެ ފުރުޞަތުތައް އުފެދިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަފުށީގައި ވަރަށް އަވަހަށް ބޭރުގެ ފަރާތެއްގެ އެހީއާއެކު ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދިގެންދާނެ ކަމަށެވެ. ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ނިމި މަސައްކަތްތައް ފަށައިގަތުމުން މިތަންތަނުން ދެވޭ ޚިދުމަތްތައް ލާމެހިފައިވާގޮތުގައި ދެވޭނެގޮތް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަފުށި މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރެވިގެން އަންނަ ކާގޯ މާލެ ގެނެސް މާލެއިން ބުރިޖު މެދުވެރިކޮށް ހުޅުމާލެ އަށް ގެންގޮސް އެތަނުން އެއަރޕޯޓަށް ގެންދެވި އެއަރ ކާގޯގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވޭނޭ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އަދި އެމަނިކުފާނު ވިދާޅުވީ، މާލޭގެ ޓީ-ޖެޓީ ސަރަޙައްދުގެ ބިން ހިއްކާ އެ ސަރަޙައްދުގައި ކުނި ނައްތާލާ ކުނި އެއް ކުރެވޭނެ ނިޒާމެއް ޤާއިމުވެގެން ދިއުމުން ރައްޔިތުންނަށް އިތުރު ލުއި ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރަމްޒީގޮތުން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވުމުން އެމަނިކުފާނަށް ވަނީ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްއާއި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަރާތުން ރަމްޒީ ހަދިޔާ އެއް ދެއްވާފައެވެ. ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މި ރަމްޒީ ހަދިޔާ އެރުއްވީ އެގްރޫޕްގެ ޗެއަރމަން މިސްޓަރ ޑައިހުއެވެ. އަދި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މި ރަމްޒީ ހަދިޔާ އެރުއްވީ މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބަލް މުޙައްމަދު ސަޢީދުއާއި، ޗައިނާ އެމްބަސީގެ ޝާޒޭ ޑި އެފެއާޒް މިސްޓަރ ލިއު ޗުއަންގްއާއި، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ޗެއަރމަން މިސްޓަރ ޑައިހުއާއި، މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.