ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވެސް އަމާންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާޙައުލެއް ޤާއިމުކޮށްދިނުމަށް އިދިކޮޅުފަރާތްތަކުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ، "ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ތިންވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ޤައުމަކަށް ޚިދުމަތް ކޮށްދޭނެ ރައީސެއް ހޮވާ އިރު، ޤާނޫނުގެ ޙައްޤުގައި ރައްޔިތުން ގޮވައިގެން ކުރިއަށްދާން އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ބަލާފައި ވޯޓުދިނުމަކީ މުހިންމު ކަމެކެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މަސްއޫލިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ތެރޭގައި ސުލްޙަވެރިކަމާއި އަމާންކަން ޤާއިމުކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ވާސިލުވެވޭތޯ ކުރާ މަސައްކަތް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އިޤްތިޞާދީ މިނިވަންކަމަށް ހުރަސްއެޅޭ ކަމުގައި ވަނީނަމަ އެއީ ޤައުމަށް ލިބޭ ކުރިއެރުމެއް ނޫނެވެ. އަދި ރަނގަޅު ވެރިއަކުނަމަ، ޤައުމުގައި ހުރި ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރައީސުންނަކީ، ޤައުމެއް އެއިރެއްގައި އޮތް ޙާލަތަށްވުރެ ކުރިއަށް ގެންގޮސްދޭން އަންނަ ބައެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިސަރުކާރުން ވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން، އެންމެ ފާހަގަކުރެވޭ ޚިދުމަތްތަކެއް ދެވިފައިވާ މައިގަނޑު ދެދާއިރާއަކީ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއިން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ސުޕަ ސްޕެޝަލިސްޓުން ރާއްޖެއަށް ގެނެސް 6000 ބަލިމީހުންގެ މެޑިކަލް ޓެސްޓުތައް ހެދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސީ އެމްބިއުލަންސްގެ ޚިދުމަތް ފެށިފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާއަށް ގެނެވިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 423 ކުލާސްރޫމާއި 19 ހޯލާއި 21 ކޮމްޕިއުޓަރު ލެބޯރަޓަރީއާއި 12 ސައިންސް ލެބޯރަޓަރީ އަޅާފައިވާކަމަށާއި، ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވާފައިތިބި ބަޔަކަށް ހެދުމަށް ޚާއްޞަ ކޯސް ތަކެއް ހިންގިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަމިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ %100 މުސްލިމް ޤައުމެއްގެގޮތުގައި ޤާއިމުވެތިބުމަށާއި، ދިވެހިބަސް ކުރިއެރުވުމަށްޓަކައި، އިސްލާމް އަދި ދިވެހި ކިޔަވައިދޭނެ އިތުރު މުދައްރިސުން އުފެއްދުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއެކު އެއްބަސްވުމެއް ވެވިފައިވާކަމަށެވެ.

"ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ތިންވަނަ ބުރު ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.