ޗެކް ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، މިސްޓަރ މިލާން ހޮވޮރކާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، ޗެކް ރިޕަބްލިކްގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗެކް ރިޕަބްލިކްގެ އާ ސަފީރު މިސްޓަރ މިލާން ހޮވޮރކާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ޗެކް ރިޕަބްލިކްގެ ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.