މިސަރުކާރުގެ ޢަމާޒަކީ މިފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 50 ރަށެއްގައި ސާފުބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީގެ ދެރަށަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު އުތީމުގެ "ޣާޒީ ބަންޑާރައިން" ފާލަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިސަރުކާރުން މަސައްކަތްކުރަނީ ދިވެހިންނަށް ދިމާވާ ދަތިތަކަށް ޙައްލުހޯދައިދިނުމަށެވެ. މިގޮތުން އުތީމުގައި ހުޅުއްވައިދެވުނު ފާލަމުގެ ސަބަބުން އުތީމަށް ދިމާވެފައި އޮތް ލަފާ ފުރުމުގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުތީމަކީ ދިވެހިންގެ އާސާރީ ގިނަ ކަންތައްތަކެއް ހުރި ތަނެއްކަމުގައި ފާހަގަކުރައްވަމުން، އުތީމު ތަރައްޤީ ކުރުމަށާއި އަދި އުތީމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު ގިނަ ކުރުމުގެ ގޮތުން އުތީމުގައި ގެސްޓު ހައުސްއެއް އެޅޭނެ ގޮތް ސަރުކާރުން ވަނީ މިހާރު ހަމަޖައްސަވާ ދެއްވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގެ މިނިވަންކަމާ ތޮޅުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ދިވެހިންގެ ތެރެއިން ބައެއް ޚިޔާނާތްތެރިންގެ އެހީތެރިކަމާއެކުގައެވެ. މިގޮތުން މިހާރުވެސް ބައެއް ދިވެހީން ދަނީ ބޭރު ދުނިޔޭގަ ދިވެހިރާއްޖޭގެ ރީތިނަން ކިލަނބު ކުރަން މަސައްކަތް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދެންނެވި ފަރާތްތަކުން ދަނީ ދިވެހިރާއްޖެއަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅަފައިވާ ޤައުމެއްކަމަށް ބޭރުދުނިޔޭގައި އަޑު ފަތުރަމުންނެވެ. މީގެ އިތުރުން މިދެންނެވި ފަރާތްތަކުން ދަނީ ދިވެހިރާއްޖެއަށް ބޭރުގެ ނުފޫޒުފޯރުވޭނެ މަގު ތަނަވަސް ކުރަން މަސައްކަތް ކުރަމުން ކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ މަސައްކަތްކުރާ މީހުންނަކީ ދިވެހި ރާއްޖެއަށް ހެޔޮ އެދޭ ބައެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުން ވިޔަސް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ވާނަމަ އެމައްސަލައެއް އިންސާފުވެރިކަމާއެކު ބަލާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހި ދަޢުލަތުން ގެއްލިފައި ފައިސާއެއް ހުރިނަމަ އެފައިސާއެއް ޚަރަދު ކުރެވިފައިވަނީ ކޮންގޮތަކަށްތޯ އާއި އެފައިސާ ވީ ތަނެއް ހޯދުމަކީ ސަރުކާރުގެ ޒިންމާއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ މުޖުތަމަޢުގައި ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމު ކުރުމަށެވެ. ވީމާ މިސަރުކާރުން ދަނީ ދިވެހިރާއްޖެއަކީ ހަމަޖެހޭ ސުލްޙަވެރި ޤައުމަކަށް ހަދަން މަސައްކަތް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދަޢުލަތަކީ ރައްޔިތުންނަށް އިޙްތިރާމް ކުރާ ދަޢުލަތަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އުތީމު ރައްޔިތުންގެ ފަރާތުން ޝުކުރުގެ ފިލައެއްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. މިޝުކުރުގެ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ އުތީމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސްރާރު އާދަމްއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނިހާން ޙުސައިންމަނިކު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.