ދިވެހިންގެ މެދުގައި އޮންނަ މައްސަލަތައް ޙައްލުކުރުމަށް ބޭރުގެ އުފެއްދުންތައް ރާއްޖެ ގެންނަން ނުޖެހޭނެކަމުގަކަމުގައާއި، އަޅުގަނޑުމެންގެ އުފެއްދުންތައް ތަރައްޤީކޮށްގެން އަޅުގަނޑުމެންނަށް މިކަންކަން ޙައްލުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ‏ތިލަދުންމަތި އުތުރުބުރީ ވަށަފަރު ބަނދަރު ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، ދިވެހިރާއްޖެއަށް ޤުދުރަތީ ވަރުގަދަ ނިޢުމަތްތަށް މާތް ﷲ މިންވަރުކުރައްވާފައިވާއިރު، ދިވެހިންނަށް މަދުވެގެން މިއުޅެނީ ކޯއްޗެއްތޯއާއި، ނުފުދިގެން މިއުޅެނީ ކޮންކަމެއްތޯއާއި، މަޞްލަޙަތަށް ލޯބިނުކުރެވިގެން މިއުޅެނީ ކީއްވެގެންތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލު ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ހުންނެވީ އަތުކުރި އޮޅާލައިގެން ތައްޔާރަށް ކަމަށް ވިދާޅުވެފައިވެއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީތަކުގެ މަޝްވަރާގައި ހުރިހާ ޕާޓީތަކުންވެސް އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ކޮރަޕްޝަންގެ ޢަމަލުތަށް ހިންގާފައިވާ އެންމެހާ މީހުންގެ ހުރިހާ މައްސަލައެއް ބަލާ ޙައްލުކުރުމަށް އެއްބަސްވުމާށާއި، މިކަމުގައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދެއްވަން ވާނޭކަމުގައި ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަކީ ޤާނޫނީ ވެރިކަން ހިންގަން ކެރޭ ރައީސެއް ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އުޞޫލުތަކަކަށް ބިނާކޮށް ރައްޔިތުންނަށް ކުރިއެރުމާއި ހަމަޖެހުން ގެނެސްދޭން ކަމަށް ވިދާޅުވެފައިވެއެވެ.

މިރަސްމިއްޔާތުގައި ވަށަފަރު ރައްޔިތުންގެ ފަރާތުން އެރަށު ކައުންސިލްގެ ރައީސްއާއި ކައުންސިލް މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުގެ ފިލައެއް ވެދުމަށް އެރުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފް ވާހަކަފުޅުދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފްގެ އިތުރުން އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އިބްރާހިމް ޢަބްދުލް ރައްޒާޤް ހަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.