މި ސަރުކާރުގެ ބޭނުންފުޅަކީ، އެއްވަނަ ދުނިޔޭގެ ޤައުމުތަކުން އެ ޤައުމުތަކުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޑިމޮކްރެޓިކް ވެށި، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އަދި އެ ޚިދުމަތުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި އަމާޒުކުރެއްވީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލުތަކާއި، ތަރައްޤީގެ މަގުން ސަރުކާރުން ހޯއްދަވަމުންދާ ކުރިއެރުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނުގެ އަމާޒަފުޅަކީ ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އަރައިގަންނަ ކަންތަކަށް ޖާގަ ނުދީ، ރައްޔިތުންނަށް ހަމަޖެހުން ހޯއްދަވައިދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖެ ބަދުނާމުކޮށް ބައެއް ފަރާތްތަކުން ބޭރު ދުނިޔޭގައި ދައްކާ ވާހަކައެއްގެ ސަބަބުން، ބައިނަލްއަޤްވާމީ ފަރާތްތަކުން މި ސަރުކާރުގެ މަސައްކަތްޕުޅުތައް ދިރާސާ ކުރެއްވުމުގައި އިންޞާފްވެރިކަމާއެކު އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ތޮއްޑޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، މި މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި މިއަދު ސަރުކާރަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންނަށާއި އަންހެނުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، މި ދެދާއިރާއިން ސަރުކާރުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި ސަރުކާރާ އެކު ތިބުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.