ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން މާލޭގައި އިމާރާތްކުރާ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ މިރޭ ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މިރޭގެ މިރަސްމިއްޔާތުގައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިފްތިތާޙްކުރެވިގެން މިދާ ބިނާގެ މަޝްރޫޢުއަކީ، އިސްލާމްދީނަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް، އިސްލާމްދީން މަތީގައި ދެމިތިބެ، އިސްލާމީވަންތަކަމުގައި އަޅުކަންކުރުމަށް، އިތުރަށް ބާރުލިބޭނެ ފަދަ ތާރީޚީ ބިނާއަކަށް މިބިނާ ވެގެންދާނެކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ހާޒިރީންނާ މުޙާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ، ކިންގް ސަލްމާން މިސްކިތަކީ ދިވެހިރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތްކަމަށާއި، މިކަމުން ދޭހަވަނީ ރާއްޖޭގައި އިސްލާމްދީން ދަމަހައްޓާ ކުރިއެރުވުމައްޓަކައި، އަދުގެ ސަރުކާރުން ޙާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްފުޅުތައް ކަމުގައެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ ޢަރައްބިއްޔާގެ ފަރާތުން ހިލޭ އެހީގެ ދަށުން އިމާރާތްކުރެވޭ 6 ފަންގިފިލާގެ އިމާރާތެކެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ އެއްފަހަރާ 6000 މީހުންނަށް ނަމާދަށް އެރޭގޮތަށެވެ. މި ބިނާގައި ކުތުބުޚާނާއަކާއި، ޤުރްއާނާއި ބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކިލާސްރޫމްތަކާއި، ޖަލްސާކުރާ މާލަންތަށް ހިމެނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ކިންގް ސަލްމާން މިސްކިތް ހަދިޔާ ކުރެއްވުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ލިޔުން ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ބަދުރު އަލީ އަލްކަޙައިލްއެވެ. މިލިޔުމާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއާއި، ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަދުރު އަލީ އަލްކަޙައިލްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.