ރާއްޖެއާ ބެހޭގޮތުން ބޭރު ދުނިޔޭގައި ބައެއް ފަރާތްތަކުން ހާމަކުރަމުންދާ، ރާއްޖޭގެ އުނި ކަންތައްތަކެއް ހުރި ނަމަވެސް، ރާއްޖޭގައި ފަޚްރުވެރިވާންޖެހޭ ކިތަންމެ ކަމެއްވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ޤައުމަށްލިބޭ ފަޚްރާއެކީ ކުރިއަށްދާން މިޞްރާބު ޖަހާނަމަ، ދިވެހިރާއްޖޭގެ ޤައުމީ ނައު ދަތުރުކުރާނީ، ރަނގަޅު އަމާން މިޞްރާބަކަށްކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަކީ، އުފާވެރި ހެޔޮ ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސަރުކާރުގެ މަސައްކަތްޕުޅުގައި ކުރިއަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ ތަރައްޤީކަން ގަބޫލުކުރައްވައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ހިންގަވާ މަޝްރޫޢުތަކަކީ ހަމައެކަނި ދިވެހި ރައްޔިތުންގެ ފައިސާއިން ކުރެވޭ މަސައްކަތްތަކެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި މިއީ އ.ދ. ފަދަ މުއައްސަސާތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީއާއެކީ ޤާއިމްކުރެވިގެންދާ މަޝްރޫޢުތަކެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގައިދޭން ތިބި ފަރާތްތަކަށް ދިވެހިން ރަނގަޅު މިސާލެއް ދައްކަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، ފަރުދީ ގޮތުން ކުރެވޭ ކަންކަމުން މުޅި މުޖުތަމަޢު އުފުލަން ޖެހޭ ބޮޑެތި ތަކުލީފާއި، ބަދުނާމާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރަށުގައި ޤާއިމްކޮށްފައިވާ އަސާސީ ޚިދުމަތުގެ ނިޒާމުތައް ހަލާކުކޮށްލުމުން ދޭހަވަނީ، ބޭރުގެ ޖަމާޢަތްތަކުން އެހީ ހޯދި ނަމަވެސް އެކަންކަމަށް ދިވެހިން ޝުކުރުވެރި ނުވާކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ ތަރައްޤީއަށްޓަކައި ޤާއިމްކުރެވޭ ނިޒާމްތައް ހަލާކުކުރަން ކުރާ މަސައްކަތަކަށް މުޖުތަމަޢުގައި ޖާގަ ދެއްވައިގެންނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މުޅި މުޖުތަމަޢުގެ މައުސޫމުކަން މިކަހަލަ ގޮތަކަށް ނަގާލަން އެއްވެސް ފަރުދަކަށް ޙައްޤެއް ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.