އޮމާންގެ ސުޕްރީމް ކައުންސިލް ފޮރ ޕްލޭނިންގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ދުރުވި ޙާއްޞަ މަންދޫބު، ހިޒް އެކްސެލެންސީ ސުލްޠާން ބިން ސާލިމް އަލް-ހަބްސީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ 20 ފެބުރުވަރީ 1981 ގައި ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވުނު ވަރުގަދަ ދާޙީލީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ރާއްޖެއާއި އޮމާންއާ ދެޤައުމުގެ ދޭތެރޭ ޤާއިމްކުރެވިފައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ދުރުވި ޙާއްޞަ މަންދޫބު ވަނީ، ހިޒް މެޖެސްޓީ ސުލްޠާން ޤަބޫސް ބިން ސަޢިދުގެ ފަރާތްޕުޅުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ތަޙުނިޔާއާއި ހެޔޮއެދުންތަށް ރައްދުކޮށްދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އޮމާންގެ ޙާއްޞަ މަންދޫބު ވިދާޅުވީ އޮމާން ސަރުކާރުން ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން، ޙާއްޞަކޮށް މަސްވެރިކަމާއި ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވާކަމުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.