ރާއްޖެއަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސްރީލަންކާ ސަރުކާރުން އަބަދުވެސް ދެމުން ގެންދާނެކަމުގެ ޔަޤީންކަން އެޤައުމުގެ އާ ސަފީރު، މޭޖަރ ޖެނެރަލް (ރިޓަޔަޑް) ބީ.އާރް.ޑަބްލިޔު.އެމް.އާރް.އޭ.ބީ. ތޮރަޑެނިޔަ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާއިން ރައްޖެއަށް ކަނޑައެޅުއްވި އާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގާ ބޭއްވެވި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ސްރީލަންކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ސްރީލަންކާގެ އާ ސަފީރު ވަނީ، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ޚިދުމަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއަކީ ސަރަޙައްދީ ގޮތުން ވަރަށް ކައިރިކައިރީގައި އޮތް ދެޤައުމުކަން ފާހަގަ ކުރެއްވިއެވެ. އަދި، މުޅި ދެކުނު އޭޝިޔާ ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މި ސަރަޙައްދުގެ ވަކިވަކި ޤައުމުތަކުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައިގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ އާ ސަފީރުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، މި މައްސަލަ ޙައްލު ކުރުމުގައި ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.