އޯގާތެރި މުޖްތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގައި މުޅި މުޖުތަމަޢުއަކީ ލޯތްބާއެކު އަޅާލާ މުޖުތަމަޢަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅޫމާލޭ ކުޑަކުދިންގެހިޔާ ހުޅުވުމަށްޓަކައި މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތިގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅާލުމެއްނެތި މަގުމަތީގައި އުޅޭ ކުދިން އޯގާތެރިކަމާއެކު ސަރުކާރުން ބަލަހައްޓައިދޭނެ އިންތިޒާމްތަކެއް މިހާރުވެސް ހަމަޖައްސަމުން ގެންދާކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ހަމަޖައްސަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ހުޅުމާލޭ ކުޑަކުދިންގެހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. މިރަސްމިއްޔާތުގައި، ކުޑަކުދިންގެހިޔާގެ ފަރާތުން ތައްޔާރުކުރައްވާފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވިއެވެ. ހުޅުމާލޭގައި ހެދިގެންދިޔަ މިއިމާރާތަކީ މަޙްމޫދު އަލް ޙާޖާގެ ޢާއިލާގެ ފަރާތުން ކުޑަކުދިންގެހިޔާއަށް ހަދިޔާކުރެއްވި އިމާރާތެކެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ދެ ޖިންސުގެ ކުދިން ވަކިން ބޯހިޔާކުރެވޭގޮތަށެވެ. އަދި މި އިމާރާތް ޙާއްޞަ ކުރެވިފައިވަނީ 9 އަހަރުން ދަށުގެ ކުދިންނަށެވެ. މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ފަރާތުން މި އިމާރާތް ހަދިޔާކޮށްދެއްވި މަޙްމޫދު އަލް ޙާޖާގެ ޢާއިލާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ކުންފުނިތަކުންނާއި، އަމިއްލަ ފަރުދުންގެ ފަރާތުން ކުޑަކުދިންގެހިޔާގައި ހިންގާ ޕްރޮގްރާމްތަކަށް ވަރަށް ދީލަތިކަމާއެކީ އެހީތެރިކަން ފޯރުކޮށްދެއްވާތީ އެހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މި ދީލަތި އަގުބޮޑު ހަދިޔާ، ދިވެހިރާއްޖެއަށް، ދެއްވި ކަމަށްޓަކައި މަޙްމޫދު އަލްޙާޖާއަށް ދިވެހިރާއްޖޭގެ ނަމުގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތުއްތުކުދިންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއާއި، ކުޑަކުދިންގެހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޞިލާ ޒީނާޒް ޢަދުނާންއާއި، މި އިމާރާތް ހަދިޔާކޮށްދެއްވި މަޙްމޫދު އަލް ޙާޖާ ވާހަކަފުޅުދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހިމްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.