ފެނަކަ ކޯޕަރޭޝަންގެ އޮފީސް ތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ތިނަދޫގައި ނަރުދަމާގެ ޚިދުމަތް ފެށުމާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކުރުމާއި، ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، މިފަދަ ބޮޑު ތިން މަޝްރޫޢު މުޅިން ފުރިހަމަ ވި އެންމެ ފުރަތަމަ ރަށަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއެވެ. އަދި ރަޢިސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސައްވީސް ގަޑިއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވެމުންދާ ކަމުގެ އެއްހެއްކަކީ ތިނަދޫ އިންޖީނުގޭގަ ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިގެން ދިއުމާ ގުޅިގެން، އެރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ކޮށް ނިންމާލެވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ހިންގެމުންދާ ބޮޑެތި މަޝްރޫޢުތަކަކީ ބޭރުގެ ފަރާތްތަކުގެ ދީލަތިއެހީއާއެކު ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުން ދަނީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިންމަން މަސައްކަތްކުރަމުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޒުވާނުންގެ ތަރައްޤީއާ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާއިރު، ތިނަދޫ ޒުވާނުންގެ ހިތްހަމަޖެހުމާ ތަރައްޤީއަށްޓަކައި، ތިނަދޫގައި ފުޓްސަލް ދަނޑެއް ވަރަށް އަވަސް މުސްތަޤްބަލެއްގައި އެޅިގެންދާނެއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމްއާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒުއާއި، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސްޓަރ ޖޯޏް މަރީން ޝުހްއާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ އަޙްމަދުއާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ސަޢުދުﷲ ޙިލްމީއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ނިމާލް ބައިވެރިވެވަޑައިގެންނެވިއެވެ.