ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި، ދިވެހި ރައްޔިތުން ކޮންކުރީޓް ޖަންގައްޔެއްގެ ތެރޭގައި، ކޮންކުރީޓް ފާރުތަކެއްގެ ތެރޭގައި ނިވާހޯދައިގެން ތިބޭބަޔަކަށް ވާން ނޭދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 'ރަސްފަންނު' ގެ ނަން ދެވިފައިވާ މާލޭ ހުޅަނގު ހެދިގޮނޑުދޮށް ހުޅުވުމަށްޓަކައި މިރޭ އެ ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކަކީ އަމާން މަގުތަކަކަށް ވުންކަމަށާއި، ގޮނޑުދޮށްތަކަކީ ހިތްފަސޭހަކަމާއިއެކު ތުއްތު ކުދިން ނޭވާލާ ފަދައިން، ރާއްޖޭގެ ހުރިހާ އުމުރުފުރަޔެއްގެ މީހުންނަށްވެސް ފަސޭހަކަމާއި، ހިތްހަމަޖެހުން ގެނެސްދޭނެ ތަނަކަށް ވެގެން ދިއުންކަމުގައެވެ. އަދި މިރޭ ހުޅުވިގެން މިދިޔަ ހެދިގޮނޑުދޮށުން މިއުފާވެރިކަން ރައްޔިތުންނަށް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއްކަމަށާއި، މާލެއަކީ ރާއްޖޭގެ އެތައް ރައްޔިތެއް ތަމްސީލުކުރާ ވެރިކަންކުރާ ރަށްކަމުން މާލޭގައި ރާއްޖޭގެ އެހެން ރަށްރަށާއި އޮތް ގުޅުން ދައްކުވައިދޭ ހޮޅުއަށިތަކާއި، ޖޯލިތަށް ހުންނަންޖެހޭކަމަށާއި، ހިތްފަސޭހަކަން ލިބެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މާލޭ ހުޅަނގު ހެދިގޮނޑުދޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިރަސްމިއްޔާތުގައި، މާލޭ ހުޅަނގުފަރާތު ހެދިގޮނޑުދޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދިޔަގޮތް ދައްކައިދޭ ހަނދާނީ ފޮޓޯ އަލްބަމެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވިއެވެ. މި އަލްބަމް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ މާލޭ ހުޅަނގު ހެދިގޮނޑުދޮށަށް އަލަށް ދެވުނު ނަން "ރަސްފަންނު" ތަޢާރަފްކޮށްދެއްވާފައެވެ. މި ހެދިގޮނޑުދޮށަކީ ހެންވޭރުގައި ތައްޔާރުކުރެވިފައިވާ ހެދިގޮނޑުދޮށަށްވުރެ ދެގުނަ ބޮޑު ގޮނޑުދޮށެކެވެ. ރަސްފަންނުގެ މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު މަސް ބާނާ ސަރަޙައްދަކާއި، ބާބަކިއު ސަރަޙައްދަކާއި، ފެންވަރާ ސަރަޙައްދެއްގެ އިތުރުން ޕެވީލިއަންއެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒުއާއި، މާފަންނު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޞިލް އަޙްމަދު ރިފާޢު ވެސް ވާހަކަފުޅުދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހިމްއާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.