ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޔޫރަޕިއަން ޕާލަމަންޓު މެންބަރުންގެ ވަފްދެއް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެ ފަހުގެ ސިޔާސީ ކަންކަމާ ބެހޭގޮތުން ޔޫރަޕިއަން ޕާލަމަންޓުގެ މެންބަރުންގެ ވަފްދާ މަޢުލޫމާތު ހިއްޞާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެފަރާތުން ވެސް ޝައުގުވެރިވާ އެކި އެކި ދާއިރާތަކުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ތަންފީޒް ކުރާ މުޢައްސަސާތަކުގެ ދައުރުގެ އިތުރުން ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތަކާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައ ދިވެހިރާއްޖެއާއި، ޔޫރަޕިއަން ޕާލަމަންޓާ ދެމެދުގައިވާ ގުޅުން ކުރިއަށްއޮތްތާ ވަރުގަދަ ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، އެޓާރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރުއާއި، ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.