"މިނިވަން 50 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިމެޗް ބައްލަވާލެއްވުމަށްޓަކައި މިމުބާރާތް ހިންގަމުންދާ އައްޑޫ ސިޓީގެ ހިތަދޫ އަށް ވަޑައިގަންނަވާފައެވެ. ބުދަ ދުވަހުގެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި އޮތް މިމެޗްގައި ފަރެސް މާތޮޑާ ޓީމާ ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ، ފޭދޫގެ ޓީމެވެ.

ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަންހޯދި ފޭދޫ ޓީމަށް ތައްޓާއި، ރަން މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މިމުބާރާތުގެ ރަނަރއަޕް ޓީމަށް ރިހި މެޑަލް ހަވާލުކޮށްދެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަހީރުއެވެ. މީގެ އިތުރުން، މިމުބާރާތުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ހަނދާނީ ފިލާ ދެއްވުނެވެ. މިހަނދާނީ ފިލާ ލިބިވަޑައިގަތީ މޯލްޑިވިއަންއަށާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށާއި، މޯލްޑިވްސް ޑިފެންސް ފޯސްއާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ.