ޢިމާރާތްކުރުމުގެ ދާއިރާއަށް މިދިޔަ ދެއަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ 2015/2016" ގެ ނަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މަޢުރަޒް ހުޅުވުމަށްޓަކައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މިއަދު ހުޅުވިގެން މިދިޔަ މަޢުރަޒުން ފެނިގެންދާނީ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިހާތަނަށް ކުރިއަށް ގޮސްފައިވާ މިންވަރެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައިގަނޑު އެއްސިޔާސަތަކީ މާލެ އަކީ ފެހި އަދި ސާފު ތަނަކަށް ހެދުންކަމުގައިވާއިރު، މިކަން ޙާޞިލުކުރުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައިވެސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގެ ހާޒިރީންނާ މުޙާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން، މަސީގެ ރައީސް، އަލްފާޟިލް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ، ހުޅުމާލެއާއި މާލެއާ ދެމެދު އެޅިގެންދާނެ ބްރިޖަކީ މިސަރަޙައްދުގެ ޤައުމުތަކަށްވެސް މިސާލެއްކަމުގައި ވެގެންދާނެކަމުގައެވެ. އެއީ، މިބްރިޖުގެ ސަބަބުން ދިވެހިރާއްޖެއަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި، ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ވަރަށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންދާ ކަމުގައިވެސް އަލްފާޟިލް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ 2015/2016" މަޢުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވާ ޚިދުމަތުގެ އިނާމެއްގެ ގޮތުގައި ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވިއެވެ. މިފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ މަސީގެ ރައީސް، އަލްފާޟިލް މުޙައްމަދު ޢަލީ ޖަނާޙެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ އެސް.ޓީ.އޯގެ ފަރާތުން ދިވެހިރާއްޖެއަށް އަލަށް ތަޢާރަފްކުރާ "އެސް.ޓީ.އޯ ރެޑީމިކްސް ސިމެންޓް" ތަޢާރަފްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްފާޟިލް މުޙައްމަދު ސަޢީދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.