"ވިޒިޓް މޯލްޑިވްސް އިޔަރ 2016"ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު "ވިޒިޓް މޯލްޑިވްސް އިޔަރ 2016"ގެ ހަރަކާތްތައް އިފްތިތާޙު ކޮށްދެއްވީ، މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ 2016"ގެ މައިގަނޑު މަޤްޞަދަކީ، 2016 ވަނަ އަހަރުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. މިގޮތުން ވިޒިޓް މޯލްޑިވްސް އިޔަރގެ ހަރަކާތްތައް މުޅިއަހަރަށް ބަހާލެވިފައިވާއިރު، މިފެށޭ އައުއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންގެ ޢަދަދު އިތުރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާ ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް މޫސާ ޒަމީރު ވިދާޅުވީ މީގެ 43 އަހަރުކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެވިގެން ދިއުމާގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، ވޭތުވެދިޔަ ދެއަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އެންމެ ފަޚުރުވެރި އެވޯޑުތަކެއް ލިބިގެންދިޔަ ދެއަހަރެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޓުއަރިޒަމް ވިދާޅުވީ، ފަތުރުވެރިކަމަކީ ދިވެހިރާއްޖެއަށް ޢާމްދަނީ ލިބޭ އެންމެ މައިގަނޑު ވަޞީލަތްކަމަށް ވާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޯޔިކޮޓް ކުރަން އުޅޭ ފަރާތްތަކަށް އެފުރުޞަތު ނުދޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ.އޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ސިޔާމް މުޙަންމަދު ވިދާޅުވީ ރިސޯޓް ހެދުމަށްޓަކައި އެތެރެކުރާ ހުރިހާ ތަކެތިން ޑިއުޓީ މަޢާފްކޮށްދިނުމުގެ ސަބަބުން ރިސޯޓް ހަދާ ތަރައްޤީކުރުމަށް ފުރުޞަތު ތަނަސްވެ ގިނަ ޒުވާނުންތަކަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަކީ އެންމެ މުހިންމު އެސެޓެވެ.

މިރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.