‏"ދީނުގެ އަޑު" ގެ ނަމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އިން އަލަށް ތަޢާރަފް ކުރާ ރޭޑިއޯ ޗެނަލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ރޭޑިއޯ ޗެނަލް އިފްތިތާޙު ކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޙަފްލާ އެއްގައެވެ. މިއީ ޕީ.އެސް.އެމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިސްނަންގަވައިގެން ޢާންމު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި އިފްތިތާޙު ކުރެވުނު ރޭޑިއޯ ޗެނަލެކެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ދޭން ފެށުނުތާ މިއަދު 53 އަހަރު ފުރޭ މުނާސަބަތާއި އެއްދުވަހަކު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢަރާފް ކުރެވޭ ހަމައެކަނި ދީނީ ޗެނަލް އިފްތިތާޙްކުރަން ފުރުޞަތު ލިބުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއްކަމުގައެވެ. ޕީ.އެސް.އެމް ގެ މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އަޑަކީ ދިވެހިންގެ މެދުގައި ހުރިހާ ދާއިރާއަކުންވެސް ހޭލުންތެރިކަން އިތުރުކުރުމަށާއި، ތަޢުލީމު ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ވަޞީލަތެވެ. އަދި މިހާރު ޕީ.އެސް.އެމް އުފެދުމާ ގުޅިގެން އެ މުޢައްޞަސާގެ ފަރާތުން ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ އެކި ސަރަޙައްދަށް އެ ސަރަޙައްދެއްގެ ރައްޔިތުންގެ ޚަބަރުތައް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޝަންތައް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މިގޮތުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށް ދާ ކަމުގައި ޕީ.އެސް.އެމްގެ މެނޭޖިނގް ޑިރެކްޓަރ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުގައި މި ސްޓޭޝަންތައް ޤާއިމްކުރެވުމުން ފަންނުވެރި ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެން ދާނެކަމުގައި ޕީ.އެސް.އެމްގެ މެނޭޖިނގް ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ މިފަދަ ދީނީ ޗެނަލެއްގެ ޚިދުމަތް ދޭން ފެށުމުގެ ސަބަބުން، ދިވެހިންގެ ދީނީ ވަހުދަތު ނަގާލަން މަސައްކަތް ކުރަމުންދާ މީހުންގެ މަސައްކަތް ނާކާމިޔާބުވެ ދިވެހިންގެ ދީނީ އެއްބައިވަންތަކަން އިތުރު ވެގެން ދާނެ ކަމަށް ޤަބޫލްކުރައްވާ ކަމުގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލާއި ސަރުކާރުގެ ވަޒީރުންނާއި ޕީ.އެސް.އެމްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.