އޮމާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ޝައިޚް ޙަމަދް ބިން ސައިފް ބިން ޢަބްދުލްޢަޒީޒް އަލް ރަވާޙީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އޮމާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި އޮމާންއާ ދެމެދުގައިވާ ގާތް އަޙުވަންތަ ގުޅުމަށް 35 އަހަރުވެފާވާކަން ފާހަގަކުރައްވަމުން، އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި އޮމާންއާ ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އޮމާންއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އިޤްތިޞާދީ ދާއިރާއިންނާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން އޮމާންގެ ސަފީރާއެކު ޚިޔާލު ބަދަލު ކޮށްލެއްވިއެވެ. އަދި، ބައިނަލްއަޤްވަމީ މައިދާނުގައި ރާއްޖެއާއި އޮމާންއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.