ދުނިޔޭގެ ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމުގެ ލައިސަންސް ވަކި ޤައުމުތަކަށް އޮވެގެން ދުނިޔޭގެ ސަލާމަތެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ފާއިތުވީ ދެއަހަރުގެ ކާމިޔާބީތަކާއި، އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި މިރޭ ހޮޓެލް ޖެންގައި ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ޤައުމުތަކަކީ މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ބައެއް ކަމުގައިވާނަމަ ކޮންމެ ބައެއްގެވެސް ޙައްޤުތަކެއް އޮންނާނެކަމަށް ޤަބޫލުކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކޮންމެ ބައެއްގެވެސް އަމިއްލަ ޙައްޤުތަކަށާއި އަމިއްލަ ކަންތައްތަކަށް އެހެން ޤައުމުތަކުންނާއި، އެހެން ދައުލަތްތަކުން އިޙްތިރާމް ކުރަންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ޤައުމެއްގައި އޮތް މައްސަލައަކަށް ޙައްލު އަންނާނީ، އެޤައުމަކާދޭތެރޭ ފިޔަވަޅު އަޅައިގެން ނޫންކަމަށާއި، އެ ޤައުމެއްގެ ރައްޔިތުން ޤަބޫލުކުރާ ގޮތަކަށް އެ މައްސަލަ ޙައްލުވެގެން ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއިން ބަލައިގަންނަނީ ޤާނޫނުގެ ޙުކޫމަތަށް އެންމެން ހަމަހަމަ ކަމާއެކީ ކުރިމަތިލުމާއި އެކަން ޤަބޫލުކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ވަކި މީހަކަށް ވަކި ޙައްޤުތެއް، ނުވަތަ ވަކި މީހަކު ވަކި ކުށަކުން އިސްތިސްނާ ވާންޖެހޭނެކަމަށް ދިވެހި ރައްޔިތުންގެ އަޤުލަބިއްޔަތުން ޤަބޫލު ނުކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ އަވަށްޓެރި ޤައުމުތަކަކާއި، އ.ދ.ގެ ޖަމްޢިއްޔާގައި ހިމެނޭ ހުރިހާ ދައުލަތްތަކާއެކީ އެކުވެރި، ގާތް ގުޅުމެއް އޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އަވަށްޓެރި ހުރިހާ ޤައުމަކަށް އިޙްތިރާމާއި ސާބިތުކަމާއެކު މިހާތަނަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު އެ ޤައުމުތަކުންވެސް، މިފަދައިން ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އުފެދިގެން އުޅޭ މައްސަލަތަކާ ދޭތެރޭގައި އ.ދ.ގެ މެންބަރުން އިންސާފުގެ ނަޒަރަކުން ބައްލަވާނެކަމަށް ރާއްޖެއިން އެދޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.