27 ނޮވެންބަރު ވީ ހުކުރުދުވަހު ތައިލެންޑްގެ ބެންކޮކްގައި އަވަހާރަވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި އަދި މުޅި ދިވެހި ޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ އަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަމޫނާއެއް ކަމަށާއި، އަދި މަޑުމައިތިރި އަޚްލާޤެއްގެ ވެރިޔެއްކަމަށް ލިޔުއްވާފައިވެއެވެ. މިފަދަ ހަރުދަނާ ޤައުމީ ޝަޚްޞިއްޔަތެއް އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގަތުމުގެ ފުން ހިތާމަ މިއަދު ޤައުމު ކުރަމުންދާއިރު، އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އަލްމަރްޙޫމް  ޢަބްދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަމަށާއި އަދި އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކަކީ، ޢިބްރަތުން ފުރިފައިވާ އަގުހުރި ފިލާވަޅެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، އިނގިރޭސި ސަރުކާރާ ވާހަކަ ދެއްކެވުމުގައި މެދުވެރިއެއްގެ ދައުރު އެމަނިކުފާނު އަދާކުރެއްވީވެސް ވަރަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށް ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.