މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އާ ގުޅިގެން މާލޭ ހުޅަނގު-ދެކުނު ބަނދަރު ސަރަޙައްދުގައި ތަރައްޤީ ކުރެއްވި "ރާވެރިބޭ މައިޒާން" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

ރާވެރިބޭ މައިޒާން ރަސްމީކޮށް ހުޅުވިގެންދިޔައީ، ބައެއް ކުޑަކުދިން، މިކަމަށްޓަކައި ޚާއްޞަކޮށްފައިވާ ކޭކް ފަޅައިދިނުމާއެކުއެވެ. ރާވެރިބޭ މައިޒާން ހުޅުވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ މައިޒާން ބައްލަވާލައްވައި، އެތަނުގައި ތިބި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިންނާ ބައްލުކޮށްލެއްވިއެވެ. މިއީ، 28 ސެޕްޓެންބަރު 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އާންމުންނާ މިގޮތަށް ބައްދަލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރާވެރިބޭ މައިޒާނަކީ، މާލޭ ހުޅަނގު-ދެކުނު ބަނދަރު ސަރަޙައްދުގައި އޮތް ހުސް ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށާއި، ކުޑަކުދިންނާއި އެކި އުމުރުގެ ރައްޔިތުންނަށް ހިތްފަސޭހަކޮށްލެވޭނެ މައިޒާނެއް ތަރައްޤީ ކޮށްދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރެއްވި މަސައްކަތްޕުޅެކެވެ. މި މައިޒާން ފަރުމާކުރެވިފައިވަނީ، ހުޅަނގު-ދެކުނު ބަނދަރު ސަރަޙައްދު އިތުރަށް ފެހިކުރެއްވުމަށާއި، ދުއްވާ އެއްޗެހި ޕާކު ކުރުމުގައި އެސަރަޙައްދަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް އިސްކަން ދެއްވައިގެންނެވެ. ރާވެރިބޭގެ މައިޒާން ޒީނަތްތެރި ކުރުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ބައިވެރިވެފައެވެ.