ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ވައިސް ޗެއާމަން މިސްޓަރ ޗެން ޒިއަގްއެންގ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ސީ.ޕީ.ޕީ.ސީ.ސީ އަކީ ޗައިނާގެ ސިޔާސީ ކަންކަމުގައި ލަފާދޭ، ޗައިނާ ސަރުކާރުގެ މުޢައްސަސާއެކެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް، އެކުވެރި ގުޅުމަށް 43 އަހަރުވެފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތާނގައިވެސް މިގުޅުން މިގޮތަށް ދެމިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޗައިނާއަކީ މިއަދު ރާއްޖެއަށް އެކި ރޮނގު ރޮނގުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމެއްކަން ފާހަގަ ކުރައްވައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގުޅުން އެތައް ރޮނގަކުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި، ދެޤައުމުގެ ދޭތެރޭގައި އޮތް އިޙްތިރާމާއި، އިތުބާރާއި، އެއްޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެމިއޮންނާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން ގުޅިގެން، ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ގޮތުގެ ފުރިހަމަ މިސާލެއް ރާއްޖެއާއި ޗައިނާއިން މިއަދު ދުނިޔެއަށް ދައްކަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދެ ޤައުމުން އިސްކަންދޭ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީގައި ޗައިނާ ފަތުރުވެރިންގެ ޙިއްސާ ބޮޑުކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތްތާނގައިވެސް ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން މިހާރެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން މިސްޓަރ ޗެން ޒިއަގްއެންގ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްވެފައިވާ މިގުޅުން މިހާރުވަނީ ކުރިން ނުވާހާ ވަރުގަދަވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި، ޗައިނާއިން އަބަދުވެސް ދިވެހި ރާއްޖެއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިޙްތިރާމްކުރާނެކަމުގެ ޔަޤީންކަން ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާއާއި، ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.