އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ކުރިއަށް ގެންދަވާ ފަންސާސް މިލިއަން ރުފިޔާގެ ލޯން ސްކީމް، "އެސް.އެމް.އީ ލޯން" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ލޯން ސްކީމް އިފްތިތާޙު ކޮށްދެއްވީ، ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރާއި، އިޤްތިޞާދީ ގޮތުން ރޭވިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކާ ބެހޭގޮތުން، ރާއްޖޭގެ މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި، މަތީ ތަޢުލީމު ހާސިލް ކޮށްފައިވާ ޒުވާނުންނާ، މަޢުލޫމާތު ހިއްސާ ކޮށްލެއްވުމަށްޓަކައި ބޭއްވެވި "އިކޮނޮމިކް ޑަޔަލޮގް ވިތް ދަ ޕްރެޒިޑެންޓް" ގައެވެ. މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމަންޓުން އިސްނަންގަވައިގެން ބޭއްވެވި ބައްދަލުކޮށްލެއްވުމެކެވެ.

"އެސް.އެމް.އީ ލޯން" ސްކީމަކީ %100 ދިވެހިން ހިއްސާވާ، އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތި ކުރެވޭ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ލޯން ސްކީމެކެވެ. މިގޮތުން، ވިޔަފާރީގެ ގިންތި ބެއްލެވުމަށް ބޭނުން ކުރެވޭނީ ޤަނޫނު ނަންބަރު 2013/6 "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު" ގައި ބަޔާން ކޮށްފައިވާ މިންގަޑެވެ.

"އެސް.އެމް.އީ ލޯން" ދޫކުރެއްވުމުގައި، އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި، އަދި އެ ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށް އިސްކަން ދެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ވިޔަފާރިތަކަށާއި، އެކްސްޕޯޓް ކުރާ ވިޔަފާރިތަކަށްވެސް، "އެސް.އެމް.އީ ލޯން" ދެއްވުމުގައި އިސްކަން ދެވޭނެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް މިއަދު ކުރިމަތިވެފައިހުރި ގޮންޖެހުންތަކާ އެކުގައިވެސް، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ޒުވާނުންނަށާއި އަންހެނުންނަށް ކަންތައްތަކެއް ކޮށްދޭން ސަރުކާރުން މި ކުރައްވާ މަސައްކަތްޕުޅުތަކަކީ، އޭގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަންތައްތަކެއްކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އިޤްތިޞާދީގެ ސިޔާސަތުތަކުގެ ނަތީޖާއަކަށްވާނީ، ރާއްޖޭގައި އިތުރު ވަޒީފާތަކެއް އުފެދިގެން ދިއުމާއި، ޒުވާނުންނަށް ބޭނުންވާ ފުރުޞަތުތައް ހުޅުވިގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޒުވާނުންނަކީ މުރާލި، އަދި މަސައްކަތަށް ފަރުވާތެރި ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވައި، ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށްޓަކައި ސަރުކާރާއެކު މަސައްކަތްކުރުމަށް ޒުވާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.