ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ބޭއްވުނު ތައުބީނުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މިޖަލްސާ ބާއްވާފައިވަނީ މިރޭ ދަރުބާރުގޭގައެވެ.

މިރޭގެ ޖަލްސާގައި، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީން ތައްޔާރުކުރި "ޙަމީދުގެ ތަޤްރީރުތައް 1" ސީޑީއާއި، ފަތްތޫރައިގެ ޚާއްޞަ ޢަދަދު "ކަޅުފަތްތޫރަ" އާއި، "ޙަމީދުގެ ޒިކުރާ" ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވިއެވެ. އަދި، މިތަކެއްޗާއި، ދިވެހިބަހުގެ އެކަޑަމީން ބޭއްވި ތަޢުޒިޔާގެ ފޮތް، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވެދުން ކުރެއްވިއެވެ.