ޒުވާނުންގެ ހަކަތައަކީ، ދައުލަތުގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް އޮންނަ މޯޓަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަ ދެ ޞިނާޢަތް ކަމުގައި ސިފަ ކުރައްވަމުން، މި ދެ ދާއިރާއަށް ބޭނުންވާ ހަކަތަ އިތުރުކުރުމަށްޓަކައި މި ދާއިރާތަކަށް ޒުވާނުން ނެރުއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ޓެކްނޮލޮޖީތައް އަޅުގަނޑުމެންނަށް ދަސްކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް، މި ދާއިރާތަކަށް ޒުވާން ލޭ ނުގުޅޭނަމަ އަޅުގަނޑުމެންނަށް މި ޞިނާޢަތްތައް ކުރިއަށް ނުގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ އުޞޫލަކީ، ކޮންމެ ކަހަލަ ވަޞީލަތެއްވެސް ތަރައްޤީ ކުރަން ބޭނުންނަމަ، އެ ވަޞީލަތެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ހިތްވަރުދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިޔުމުގައި ޒުވާނުން މި ދާއިރާއަށް ނެރެން ސަރުކާރުން މިއަދު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމީ ޒުވާނުން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރު އަބަދުވެސް މަސައްކަތް ކުރައްވާނީ، މަސްވެރިންނަށާއި، ދަނޑުވެރިންނަށާއި، އަދި އެހެން ޞިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށް، ލުއި ފަސޭހަކަމާއި، ރައްކާތެރިކަން ގެނެސްދެވޭނެ ނިޒާމުތަކެއް ޤާއިމުކުރައްވަން ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަސައްކަތްތެރިންނަށް ޚާއްޞާކޮށް ސަރުކާރުން ތަޢާރަފު ކުރައްވާފައިވާ ލުއި ލޯނާއި، އިންޝުއަރެންސް ސްކީމް ފަދަ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އަދި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތްތައް ތަރައްޤީ ކުރެއްވުމަށް ސައުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ކުރައްވާ ހޭދަ، އެއްވެސް ވަރުބަލިކަމެއްނެތި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިރޭގެ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާއަކީ ޒަމާންވީ ދެ ޞިނާޢަތްކަން ފާހަގަ ކުރައްވައި، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަކީ، ޒަމާންވީ މި މަސައްކަތްތައް ޒަމާނީކުރައްވައި، އިތުރަށް ފުޅާކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ދެ ޞިނާޢަތަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި މަސައްކަތުގައި އަޅުގަނޑުމެން ދަސްކޮށްފައި ހުރި މުސްކުޅި އާދަތައް، ނޫނީ ދަސްކޮށްފައި ހުރި ކަމުނުދާ އާދަތައް ދޫކޮށްލަން އެބަޖެހޭ. ދޫކޮށްލާފައި މިޒަމާނުގައި މުދާ އިތުރުކުރުމާއި، ރިސޯސް ބޭނުންކޮށްގެން، އެފިޝަންޓް ކޮށްގެން މިކަން ކުރެވޭނެ ގޮތްތަކަކީ އަޅުގަނޑުމެން ދަސްކުރަންޖެހޭ ކަންކަން. އެކަންކަން ދަސްކުރާއިރު، އަޅުގަނޑުގެ ވިސްނުމުގައި މެޗުއަރ ޞިނާޢަތެއް ކަމަކު، އަޅުގަނޑުމެން މި ދަސްކުރަނީ އާ ވައްޓަފާޅިތަކެއް. ކުރީގައި ކަންކުރިގޮތް ދޫކޮށްލުމުގެ، އަދި އާ ގޮތްތަކަކަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ތަރުތީބުތަކާއި، އަޅުގަނޑުމެންގެ ޙަރަކާތްތައް ބައްޓަންކުރަން ކުރާ މަސައްކަތް."

މިރޭގެ ޖަލްސާގައި، ދިވެހިރާއްޖެގެ މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުން ފާއިތުވެދިޔަ 50 އަހަރު ހޯދާފައިވާ ކުރިއެރުން ރަމްޒުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ.