ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް، ދަވާ، އެންޑް ގައިޑެންސް، އައްޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒު ބިން މުޙަންމަދު އާލް-ޝައިޚް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައި، ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއްޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި އިސްލާމްދީން ކުރިއެރުވުމުގެ ދާއިރާއިންނާއި، އެހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސްކިތަކާއި، ލައިބްރެރީއަކާއި، ކްލާސްރޫމްތައް ހިމެނޭގޮތަށް، ސަޢޫދީ ރަސްގެފާނުގެ ހިލޭ އެހީފުޅުގެ ދަށުން ރާއްޖޭގައި ބިނާކުރާ އާ އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު އެންމެ ބޮޑަށް ފެނިގެންދާނެ ބިނާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ހިފަހައްޓަމުންދާ އިސްލާމީ އުސޫލުތަކުގެ ސަބަބުން ބޭރުގެ ބައެއް ފަރާތްތަކުން އެކިކަހަލަ ފިއްތުންތައް ކުރިމަތިކުރުވާ ކަމުގައި ވިދާޅުވެ، އެހެންނަމަވެސް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މަތީގައި ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، އިސްލާމްދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ކުރިއަށްގެންދާ ހައްދުފަހަނަޅާފައިވާ ޢަމަލުތައް ކުށްވެރި ކުރައްވައި، އެފަދަ ޢަމަލުތައް ރާއްޖެއިން ޤަބޫލުނުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޒުވާނުންނަށް ޚާއްޞަކޮށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މަސައްކަތު ބައްދަލުވުމާއި، ކުރު މުއްދަތުގެ ތަމްރީންތައް ހިންގެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ.

ސަޢޫދީ ޢަރައްބިޔާގެ މިނިސްޓަރގެ ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމްދީނުގެ މެދުމިންގަނޑެއް ހިފަހައްޓަވައި، ދީނީ ކަންކަން ކުރިއެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތައް ފާހަގަ ކުރެއްވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން، އިސްލާމްދީނާ ބެހޭ ސައްޙަ މަޢުލޫމާތު ފެތުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައި ވިދާޅުވެ، އެމިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން، އެމިނިސްޓްރީގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ބިސާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އައްޝައިޚް އިބްރާހީމް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.