މެކްސިކޯ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މެލްބާ ޕްރިއާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މެކްސިކޯގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެކްސިކޯގެ އާ ސަފީރުގެ ދައުރުގައި، ރާއްޖެއާއި މެކްސިކޯއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މެކްސިކޯ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ ތަރައްޤީއަށްޓަކައިވެސް ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މެކްސިކޯގެ އާ ސަފީރު މެލްބާ ޕްރިއާ ދެއްކެވި ވާހަކަފުޅުގައި، މެކްސިކޯ އާއި ދިވެހިރާއްޖެއާ ދެމެދު ހުރި އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށާއި، ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅުކުރުމަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ދެ ޤައުމުންވެސް ވަރަށް ބޮޑު އިސްކަމެއްދޭކަން މެކްސިކޯގެ ސަފީރު ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ‏ބައިވެރިވެވަޑައިގެންނެވިއެވެ.