މާދަމާ، 2015 އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 2.00 އަށް ކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން އެރުވި ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8.00 ން މެންދުރުފަހު 2.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ، ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން، ޢާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރެއްވުމަށާއި، ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރުމަށް ފުރުޞަތު ދެއްވުމަށާއި، ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި، ތަޢުލީމު ޙާޞިލުކުރުމާއި، ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވުމަށްޓަކައެވެ.